ނައިބު ރައީސް ފައިސަލް ނަސީމް، ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު އެ ގައުމަށް ފުރާވަޑައިގެންނެވީ، ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މި ކޮންފަރެންސް އޮންނާނީ މި މަހުގެ 12 އަދި 13 ވަނަ ދުވަހު، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
ދެ ދުވަހުގެ މި ކޮންފަރެންސްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާނެއެވެ.
މި ކޮންފަރެންސްގެ މި ފަހަރުގެ ޝިޢާރަކީ، ”ދެމެހެއްޓެނިވި ކުރިމަގަކަށް، ސުލްހައާއި ފާގަތިކަން އަދި ބައިވެރިވުން“ މި ޝިއާރެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރެއްވުން ހިމެނެއެވެ.
