އައްޑޫ ކޯޓް ކޮމްޕްލެކްސް އިމާރާތް އެޅުމުގެ މަސައްކަތް އެސްޖޭ ކުންފުންޏާއި ހަވާލުކޮށް، މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކޯޓް ކޮމްޕްލެކްސް މަސައްކަތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ ރައީސާ ހިސާން ހުސައިން އާއި އެ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ކޯޓު ކޮމްޕްލެކްސް މަޝްރޫއު ހަވާލު ކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 123 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިންމަން ދީފައިވަނީ 360 ދުވަހެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ އަދި އެސްޖޭ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހިމްއެވެ.
