ކީރިތި ރަސޫލާ(ސ.އ.ވ)އަށް ފުރައްސާރަ ކުރުން ވަރިހަމަވާ މީހުންނަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ބަހުގެ ހަމަލާތަކެއް ދެއްވައިިފިއެވެ.

Ads by Asuru

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ ތަރުޖަމާނު، ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ނުކުރާތީ، އެކަން ކުރުމަށް ގޮވާލައި، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.

ނުޕޫރުގެ ވާހަކަތައް ފަހުން ދިވެހި ސަރުކާރުން ކުށްވެރި ކުރި ނަމަވެސް، އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމަށް ވޯޓު ދެއްވި 33 މެމްބަރުންނަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކުރީގެ ސީޕީ ހުސައިންވެސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ބަސްބުނަން ނުކެރޭ ދިވެހި ސިޔާސީ މީހުންނަކީ ކީއްކުރާ ބައެއްތޯ ސުވާލު ކުރައްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ކަންކަން ”ވަރިހަމަ“ވާ މީހުން ދިވެއްސަކަށް ވުމަށް ކުފޫވެސް ހަމައެއް ނުވެއެވެ. އަދި އެފަދަ މީހުން މި ސައްތައިންސައްތަ އިސްލާމީ ގައުމަށް ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

”މި މައުޟޫއުގައި ނުފޫޒަށް ހެއްލޭ މީހުން، މީހަކަށްވެސް ނުވޭނު. ދިވެހީންނަކީ އެހާ ނުކުޅެދޭ ބައެއް ނޫން.“ ހުސައިން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރިޒްގު ދެއްވަނީ ހެއްދެވި ފަރާތުން ކަަމަށްވާއިރު، މިފަދަ ކަންކަމުގައި ބަސްބުނަން ޖެހިލުންވެގެން ނުވާނެ ކަމަށެވެ.

ބީޖޭޕީގެ ތަރުޖަމާނުގެ ވާހަކަތައް ސަރުކާރުން ކުށްވެރި ކުރީ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްއާރްއެމާއި ޖޭޕީންވެސް އެކަން ކުރި ފަހުންކަން ފާހަގަކޮށްލެވެއެވެ.