ރާއްޖޭގައި އިސްލާމްދީނާއި ހިލާފު ކަންތައް ގިނަވެފައި އާންމުވެއްޖެ ކަމަށާއި މިކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހެނީ އަދާލަތު ޕާޓީންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިސްލާމްދީނާއި ޚިލާފު ކަންތައް ގިނަވެފައި އާންމުވެއްޖެ ކަމަށެވެ. އަދި ދީނުގެ ރީތިކަން އޮޅޭ ގޮތަށް ހިންގާ އުފާ ފާޅުކުރުމުގެ ކަންތައް ވެސް މިހާރު ގިނަ ކަމަށެވެ.

ޖަމީލު މިހެން ވިދާޅުވެފައި މިވަނީ އަޟްހާ ޢީދު ފާހަގަކުރަން ގއ.ވިލިނގިލީގައި ގޮމަ ގުރޫޕުން ހުށަހަޅައިދިން ލަވައެއްގައި, ނިވާކަން ކުޑަހެން ހީވާނެ ގޮތަށް ހެދުން ލައިގެން ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވަނިކޮށެވެ.

އެފަަދަ ކަންކަން އާންމުވުމުން ވެސް އަދާލަތުން މަތި އޮމާން ކުރަމުންދާ ކަމަށާއި މި މިންވަރަށް މުންކަރާތްތައް އާންމުވުމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހެނީ އަދާލަތުން ކަމަށް ޖަމީލު ވިދާޅުވިއެވެ.