އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީީސް ޔާމީން އަބްދުލްޤައްޔޫމް ކަންކުރަންވާ ގޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކިޔާދިނުން ހަޑި ކަމަށް ޕީޕީއެމްގެ ސެނެޓަރ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީީސް ޔާމީން ވާދަ ކުރައްވަން ނުފެންނަ ކަމަށް ރައީީސް ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.
”ދަ ޑިމޮކްރެޓްސް“ އުފެއްދުމަށް ޣިޔަސުއްދީން ސްކޫލުގައި ރޭ ބާއްވާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީހަކު ޖަލުގައި އޮންނަން ޖެހުމަކީ އެއްވެސް އިރެއްގައި ރުހުނު ކަމެއް ނޫން ކަމަށާއި ރައީސް ޔާމީނަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އިތުރުން ވެސް އެތައް ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
”އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް އަޅުގަނޑުމެން ހޯދައިދޭންވީ،“ ނަޝީދު ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން މުހައްމަދު ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓް ވަނީ ޔާމީނާއި ހަވާލުކުރެވިފައި ކަމަށާއި ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަނުކުރުން އެއީ އެމަނިކުފާނުގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ.
”ރައީސް ޔާމީން ކަންކުރަންވާ ގޮތް ނަޝީދު ކިޔާދިނުން ހަޑި. ނަޝީދާއި ޔާމީން އަކީ ދެފިކުރެއް. ގައުމީ ލީޑަރަކާ ލާހޫރޭ ލީޑަރެއްގެ ތަފާތު ވަަރަށް ބޮޑުވާނެ.“ އޭނާ ވިދާޅުވިއެވެ.
ރައީީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދީފައިވާއިރު، އެމަނިކުފާނު މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރައީީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
