ރިޔާސީ ރޭހުގައި، ރައީސް މުހައްމަދު ނަޝީދާއި، ޑިމޮކްރެޓްސް އުޅެނީ ތަންކޮޅެއް ފަހަތުގައި ކަމަށް ޕީޕީއެމްގެ ނައިބު ރައީީސް، އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅުކަމަށާއި، މި ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު އަދި ދަ ޑިމޮކްރެޓްސް އުޅެނީ ތަންކޮޅެއް ފަހަތުގައި ކަމަށެވެ.

”އަދި އެބޭފުޅުން ކެނޑިޑޭޓެއްވެސް ނުދައްކަވާ. ޕީޕިއެމް/ޕީއެންސީން މާކުރިން ވަނީ ރައީސް ޔާމީން ކެނޑިޑޭޓެއްގެ ގޮތުގައި ނިންމާ ކެމްޕޭންވެސް ފަށާފައި.“ ޝިޔާމުގެ ޓްވީޓުގައިވެއެވެ.

އޭނާ މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީީސް ޔާމީން ވާދަ ކުރައްވަން ނުފެންނަ ކަމަށް ރައީީސް ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

”ދަ ޑިމޮކްރެޓްސް“ އުފެއްދުމަށް ޣިޔަސުއްދީން ސްކޫލުގައި ރޭ ބާއްވާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީހަކު ޖަލުގައި އޮންނަން ޖެހުމަކީ އެއްވެސް އިރެއްގައި ރުހުނު ކަމެއް ނޫން ކަމަށާއި ރައީސް ޔާމީނަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އިތުރުން ވެސް އެތައް ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

”އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތިނުލައި، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް އަޅުގަނޑުމެން ހޯދައިދޭންވީ،“ ނަޝީދު ވިދާޅުވިއެވެ.

ރައީީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާއިރު، އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ވަނީ ފަށާފައެވެ.