އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފައްދަވާ  ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަންއަކަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިންތިހާބު ކޮށްފިއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ޣިޔާސުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ ވަގުތީ ޗެއަރޕާސަންއަކަށް ހަސަން ލަތީފުގެ ނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އޭގެ އިތުރުން ރޭވަނީ އެ ޕާޓީގެ ވަގުތީ ޗެއަރޕާސަންގެ ނާއިބުންވެސް ހޮވައިފައެވެ. މިގޮތުން ވަގުތީ ޗެއަރޕާރސަންގެ ނާއިބުންނަށް 3 ނަމެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އީވާއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ރޭ ބޭއްވި އާންމު ޖަލްސާގައި ވަނީ އެޕާޓީގެ ޕާޓީގެ ނަމާއި، ލޯގޯއާއި، ކުލަ ފާސްކޮށްފައެވެ.

ރޭ ޣިޔާސުއްދީން ސްކޫލު ހޯލުގައި ގިނަ ބަޔަކާއިއެކު ބޭއްވި މިޖަލްސާގައި ރައީސް ނަޝީދާއި، އެމްޑީޕީން ވަކިވި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

އެޖަލްސާގައި ޕާޓީގެ ނަމަކަށް ދަ ޑިމޮކްރެޓްސް ކިޔަން ފާސްވީ ވޯޓުގައި ބައިވެރިވި 481 ބޭފުޅުންގެ ވޯޓުންނެވެ.

ޕާޓީގެ ކުލައިގެ ގޮތުގައި ފާސްވީ މަޑު ނޫކުލައެވެ. ލޯގޯއަކީ ސަމުގާއެއްގެ ގޮތަށް އިންނަ ލޯގޯއެކެވެ.

ގަދަ ނޫކުލައިން ލޯގޯ ކުރެހިފައިވާއިރު، އެތެރޭގައި ވަނީ މަޑު ނޫކުލައެވެ. ލޯގޯއާއި، ދިދަ ފާސްވީ ވޯޓުގައި ބައިވެރިވި 478 މެމްބަރުންގެ ވޯޓުންނެވެ. ލޯގޯއާއި، ކުލަ ހުށަހެޅިގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ 7 މެމްބަރުންނެވެ.