ޕީޕީއެމް-ޕީއެންސީން، އެމްއެންޕީއާ އެކު ވެސް ރޭ މަޝްވަރާތައް ފަށައިފިއެވެ.
މި ވެރިކަން ބަދަލުކުރަން މަސައްކަތް ފަށަން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އިދިކޮޅު ކޯލިޝަނަށް އަންގައިފައިވާއިރު، އެ ކޯލިޝަނުން އަންނަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާ އެކު ވެސް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.
ޕީޕީއެމުން ރޭ އެމްއެންޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވި ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި، އެ ކޯލިޝަނުގެ އިސް ބޭފުޅުން ބައިވެރިވިއިރު އެމްއެންޕީގެ ފަރާތުން އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވީ އެ ޕާޓީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒެވެ.
