ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނޭޅުނު ބްރިޖެއް 10 އަހަރު ވެރިކަން ކުރަން ލިބުނު ނަމަވެސް ނޭޅޭނެކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ، ބްރިޖް މަޝްރޫއުއާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
ސައީދު ވިދާޅުވީ ވެރިކަމުގެ 5 އަހަރުގެ ތެރޭގައި 600 މިލިއަން ޑޮލަރުގެ ބްރިޖެއް ނޭޅުނުކަމަށާއި އެހެންކަމުން ވެރިކަން ކުރަން 10 އަހަރު ލިބުނަސް އެ ބްރިޖު ނޭޅޭނެކަމަށެވެ.
ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފައި ވަނީ، މިދިޔަ އަހަރުއެވެ.
ބްރިޖްގެ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ތަނބުގެ ކޮންކްރީޓް އެޅުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގެންނެވީ، މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ދެވަނަ ދުވަހު، ދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅު ހައިދަރު އާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ތިއްބަވައިގެން ވާޗުއަލްކޮށެވެ.
މި މަޝްރޫއު މި ދައުރުގައި ނުނިންމޭނެ ކަމަށް ބުނެ، ސަރުކާރުގެ ވާދަވެރިން އަންނަނީ ފާޑު ކިޔަމުންނެވެ.
