ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާތީ، އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުން އެއާޕޯޓު ޓްރެފިކް ލައިޓް ކައިރިއަށް އުދަޔާއެކު ގަލާއި ވެލި އަރަމުންދާ ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އެދިފައެވެ.
ކުރިއަށްއޮތް 24 ގަޑިއިރު، ރާއްޖޭގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ނަމަވެސް ދިޔަވަރު ބޮޑުވާ ވަގުތުގައި އުދައަރާނެކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ދަނީ އިލްތިމާސް ކުރަމުންނެވެ. އެގޮތުން އާއްމުކޮށް ރާޅުގެ އުސްމިން އުޅޭނީ 1 ފޫޓާ 4 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
