އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަރެކްޝަނަލް ސަރވިސްއިން ދީފިއެވެ.

ކަރެކްޝަނުން ކުރި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. ކަރެކްޝަނުން ބުނީ އަދީބު ފުރަން ހުއްދަ ދިނީ 10 ދުވަހަށް ކަމަށާއި، އޭނާ ދަނީ ރާއްޖެއިން ނުހެދޭނެ ޓެސްޓުތަކެއް ހަދަން ކަމަށެވެ.

ދާދި ފަހުން އަދީބަށް އައިޖީއެމްއެޗުގެ އެމެޖެންސީގައި ފަރުވާދިނެވެ. އޭނާގެ ޕާޓީން ބުނީ އޭނާ އަށް ވަރަށް ނުރައްކާތެރި ނާރު ބައްޔެއް ޖެހިފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އަދީބު މިހާރު ހުންނަވަނީ ގޭގައެވެ.

އަހުމަދު އަދީބު ކުށަށް އިއުތިރާފު ނުވިޔަސް، އޭނާގެ މައްޗަށް 800 އަހަރުގެ ޖަލު ހުކުމް އަންނަ ވަރަށް ދައުވާ ކުރެވޭނެ ހެކި އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އަދީބަކީ އެމްއެމްޕީއާރްސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މުގުލުގައި ހުރި މޭސްތިރިޔާއެވެ.