އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވުމުން ޖަލަށް ލުމަށް ހުކުމް އިއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރައިފިއެވެ.
އޭނާއަށް ބޭސް ފަރުވާއަށް ފުރައިގެން ދިޔުމަށް ހުއްދަ ދިންކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިއްޔެ ހާމަކުރިއެވެ. އަދީބަށް ހުއްދަ ދިނީ، ރާއްޖެއިން ނުހެދޭ ޓެސްޓުތަކެއް ހަދަން، 10 ދުވަހުގެ މުއްދަތަށް ބޭރަށް ދާށެވެ.
އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަޑީގައި ހުރި އެކެކެވެ.
އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރިޔަސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. އެހެންވެ، އޭނާއަށް ލުއި އަދަބެއް ދީ، ގޭ ބަންދުގައި ބަހައްޓާފައި ހުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.
