ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެންބަރުން އިސްވެ އުފެއްދެވި ”ދަ ޑިމޮކްރެޓްސް“ ހިމަނައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް އެ ޕާޓީގެ މުއައްސިސް އަދި ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން، ޕާޓީ އެއް ރަޖިސްޓްރީކުރުމަށްޓަކައި ފުރިހަމަވާން ޖެހޭ އިޖުރާއާތު ފުރިހަމަކޮށްފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޑިމޮކްރެޓްސް ހިމެނުމަށް ނިންމީ، އިލެކްޝަންސް ކޮމިޝަނުން ބޭއްވި 793 ވަނަ އާންމު ޖަލްސާގައި، އެ ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމަށް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ.