ރާއްޖޭގެ ރައީސް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމުދަނީ، މަޑުމައިތިރި ކަމުގެ ސިފަ ހުންނާތީ ކަމަށް ބުނާ މީހުންނަށް ރައްޔިތުންގެ މަޖިލީީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.
ރައީީސް މުހައްމަދު ނަޝީދާއި އިތުރު ބަޔަކު ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށް، ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި، ރައީސް ސޯލިހު ހޮވަންޖެހޭ ސަބަބަކީ، އެމަނިކުފާނު މަޑުމައިތިރިވުމާއި، ކެތްތެރިވުން ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ބުނާކަން ފާހަގަކޮށް އާޒިމް ވަނީ މަލާމާތް ކުރައްވައިފައެވެ.
”ހުރިހާ އެންމެން ޕޯޑިއަމަށް ނުކުމެ މި ކިޔަނީ، ވަރަށް މަޑުމައިތިރި، ކެތްތެރި. މަޑުމައިތިރި ކެތްތެރި މީހެއް ނޫނޭ އަޅުގަނޑުމެން މި އުޅެނީ ހޯދާކަށް.“

އާޒިމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް އެންމެ ކަމުދާނީ، އޭނާގެ ގެ ކައިރީގައި އުޅޭ ”އާދަނު“ ކިޔާ މީހެއް ކަމަށާއި، އޭނާ އަކީ ފެންނަ މީހުންނަށް ހަނާ އަޅާ، ހިތްހެޔޮ މީހެއް ކަމަށެވެ.
”އަޅުގަނޑު ދެކޭގޮތުގައި، އޭނާ ޔަގީން، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި މާ ރަނގަޅުވާނެ، އެއީ މާ މަޑުމައިތިރި، މާތް، ކެތްތެރި މީހެއް. އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކާ.“
އާޒިމް ވިދާޅުވީ ސާވޭތަކަށް ބަލާއިރު، ރައީސް ސޯލިހަށް ލިބިވަޑައިގަންނަވަނީ 18 އިންސައްތަ ވޯޓު ކަމަށާއި، ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އެ ނިސްބަތް އިތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
