މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށްދިޔަ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ނައިބު ރައީސް އަދި މިއަހަރުގެ އަމީރުލް ހައްޖު، ފައިސަލް ނަސީމް ވަނީ ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދަންނަވާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު، ދިވެހި ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ރާއްޖެއަށް އައިސްފައިވާ ކަމަށާއި، އެންމެ ފަހު ގްރޫޕުގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިންނެވެ.
އެންމެ ފަހު ގްރޫޕުގައި 290 ހައްޖުވެރިން ހިމެނެއެވެ.
1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން 1000 ހައްޖާޖީން ސައުދީއަށް ދިޔައެވެ.
މި އަހަރު ރާއްޖެއިން ހައްޖަށްދިޔަ ދިވެހި ޙައްޖާޖީން ރާއްޖެއަށް އައިސްފައިވަނީ ހަ ފްލައިޓެއްގައެވެ.
