ވ. އަތޮޅުގައި މި ސަރުކާރުން ފަށަން އުޅޭ ކަމަށް ބުނާ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއަކީ ވ. ފޮއްތެޔޮފަޅު ނުއަގުގައި ޤާނޫނާއި ހިލާފަށް ވިއްކާލައިގެން ހިންގަން އުޅޭ މަޝްރޫއެއް ކަމަށާއި، މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ފައިސާ ހޯދަން ކުރާ ކަމެއް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތުހުމަތު ކޮށްފިއެވެ.
ެއެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ސޯލިހުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ވ.ފޮއްތެޔޮ ފަޅު ނުއަގުގައި ޤާނޫނާއި ޚިލާފަށް ވިއްކާލުމަށް ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާ ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ރާއްޖޭގެ އެންމެ ބޮޑު އަދި ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ފަޅުކަމަށްވާ، ވ.ފޮއްތެޔޮ ފަޅު ބޮޑު ޖަރީމާއެއްގެ ތެރެއިން ޤާނޫނާއި ޚިލާފަށް ނުއަގުގައި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި ސަރުކާރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ރާއްޖޭގެ އަގުހުރި ދިވެހީންގެ މުދާ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ނުއަގުގައި ވިއްކާ ހުސްކުރުމަކީ ޕީޕީއެމް އާއި އަދި ދިވެހި ރައްޔިތުންވެސް އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނީ، މިފަދަ ކޮރަޕްޝަންގެ ޖަރީމާތަކާއި ނުއަގުގައި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ހެދޭ އެއްބަސްވުންތައް ބާޠިލުކޮށް އެފަދަ ތަންތަން ދޫކޮށްފައިވާ ފަރާތްތަކުގެ އަތުން އެތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ ކަމަށެވެ.
އެހެންކަމުން ކުންފުނި ތަކުންވެސް ޤާނޫނާއި ޚިލާފަށް ނުއަގުގައި ދޫކުރެވޭ ތަންތަނާ ޙަވާލުވުމުގެ ބަދަލުގައި އެފަދަ އެއްބަސްވުންތަކާއި ދުރުވުމަށާއި އަދި މިފަދަ މުޢާމަލާތްތަކުގައި ބައިވެރިވާ ސަރުކާރުގެ އެކިއެކި ފަރާތްތަކާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.
ފޮއްތެޔޮ ފަޅު ވިއްކާލަނީ ކިހައި ވަރަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.
