ތަރައްގީ އަކީ ހަމަ އޮވެފައި ވީ ކަމެއް ނޫން ކަމަށް ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ހއ. މޮޅަދޫގައި މިއަދު ހަވީރު ބޭއްވި ”އުފާވެރި އަމާން ރާއްޖެ“ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރެވުނީ، ވިސްނުންތެރިކަމާއެކު ކަންތައްތަކެއް ކޮށްގެން ކަމަށާއި އެންމެ މުހިއްމު ކަމަކީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރުން ކަމަށެވެ. އެއީ ހަމަ ”އޮވެފައިވީ ކަމެއް ނޫން“ ކަމަށާއި އެކަން ކުރެވުނީ ކަންތައްތަކެއް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ހއ. އަތޮޅުގެ ކޮންމެ ރަށަކަށް އެރި ނަމަވެސް މިއަދު ފެންނަނީ ތަރައްގީގެ މަޝްރޫއުތައް ކަމަށާއި މި މަޝްރޫއުތަކާއެކު ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
އެގޮތުން ހދ. ހަނިމާދޫގެ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން ދިޔުމުން ކައިރީގައި ހުރި ރަށްތަކުގެ ބިމުގެ އަގު އުފުލޭނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ފެނިގެންދަނީ މުޅިން އެހެން ތިލަދުންމައްޗެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
