މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު މޮނިޓަރ ކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
އީސީ އިން އެ ފުރުސަތު ހުޅުވައިލައިފައި ވަނީ މިމަހުގެ 19 އިން ފެށިގެން އަންނަ އޯގަސްޓު 13، ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި, އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ ރަޖިސްޓީއެއްގައި ހިމެނޭ މީހަކަށް ނުވުން، އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށް ނުވުން، އީސީން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި, އަމަލުކުރަން އިގުރާރުވާ މީހަކަށް ވުން އަދި ވޭތުވެދިޔަ ފަސް އަހަރު ތެރެ, ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަރައިފައިވާ މީހަކަށް ނުވުމުގެ އިތުރުން ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުން ހިމެނެވެ.

މޮނިޓަރުންނަށް ވެވޭނީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ނޫސް އަދި މަޖައްލާތަކުގައި މަސައްކަތްކުރާ ނޫސްވެރިންގެ އިތުރުން ބައިނަލްއަގްވާމީ މީޑިއާތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އަދި އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމެގެ އިންތިޒާމް2023  ޖުލައި 19 އިން 2023 އޮގަސްޓް 13 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމަޖެހިފައި ވާ ކަމަށް އީސީ އިން ބުނެފައި ވެއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭކަމަށް އީސީ އިން ލަފާކުރަނީ ގާތްގަނޑަކަށް 285،000 މީހުންނަށެވެ.