ކުރިއަށް އޮތް ރިޔާސީ އިންތިހާބީ ހައްގު ކަށަވަރުކޮށްދިނުމަށް އެދި ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި، ދިގުލައިގެން ދިޔުމުގެ ސަބަބުން، ރައީސް ޔާމީންގެ އެތައް އަސާސީ ޙައްޤުތަކަކާއި އިންތިޚާބީ ޙައްޤުތަކަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.
”އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން،“ ޝަމީމް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން، މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ވަނީ މަޑު ޖެހިފައެވެ.
