ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު މުސްކުޅިވެއްޖެ ކަމަށާއި، ވެރިކަން ކޮށްދެވޭނީ ޒުވާންކަމާއިއެކުގައި ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ މިހާރު އެދި ގޮވަމުން ދަނީ ޒުވާން ވެރިކަމަކަށް ކަމަށާއި، އެކަން އެމަނިކުފާނަށް ވިސްނިވަޑައިގެންފި ކަމަށެވެ.

”އަޅުގަނޑުގެ އުމުރުން 56. ރައީސުލްޖުމްހޫރިއްޔާ އެ ވަޑައިގަންނަވަނީ 60އާ ގާތަށް. ގިނަ އަޅުގަނޑުގެ އުމުރުގެ މީހުން، މާތް ރަސްކަލާނގެ އިރާދަފުޅުން، އަޅުގަނޑަށް މުށެއް ފުރާ ބޭސް ހެނދުނު ކާކަށް ނުޖެހޭ.“

ރައީީސް ނަޝީދު އިތުރަށް ވިދާޅުވީ، ވެރިކަމަކީ ޒުވާން ކަމުގެ ރޫޙެއް ކަމަށާއި، ވެރިކަމަކީ ޒުވާން ކަމާއިއެކުގައި ކޮށްދެވޭނެ މަސައްކަތެއް ކަމަށެވެ.

އަދި ބޭސްފަރުވާ އާއި، ދަތުރުފަތުރުގެ ނިޒާމާއި، ފްލެޓުތައް އެޅުމަކީ އުމުރުން 50 އަހަރަށްވުރެ މަތިވުމުން، އަލުން ވިސްނައިގެން ގެނެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

”ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް އަޅުގަނޑު ދަންނަވާލަން އޮތީ، މަނިކުފާނުވެސް މުސްކުޅިވީ ވާހަކައޭ އަޅުގަނޑު މި ދަންނަވަނީ.“

ނަޝީދު ވަނީ އެމްޑީޕީގެ އާއްމު މެމްބަރުން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ސިއްހީ ހާލުކޮޅާއިމެދުގައި ވިސްނައިލުމަށް އެދިވަޑައިގަންނަވައިފައެވެ. އެއީ ދިވެހިރާއްޖެއަށްޓަކައި ކުރިއަށް ނެރެންޖެހޭ ވިސްނުމެއް ކަމަށް ވެސް، އެމްޑީޕީގެ ކުރީގެ ރައީސް ވިދާޅުވިއެވެ.