އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުޑަތަން ވަމުން އަންނައިރު، އިދިކޮޅުން ގެންދަނީ ރައީސް ޔާމީންގެ ކެންޑިޑޭސީ ފޯމު ލުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރަމުންނެވެ.

ޕީއެންސީގެ ރައީީސް އަބްދުއްރަހީމް ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަކަށް ޕީ.ޕީ.އެމްގެ ސެކްރެޓަރީ ޖެނެރަލް ތޮލާލު ހަމަޖައްސަވާފައި ވާކަމަށެވެ.

ތޮލާލް އަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ހިންގުމުގެ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ރައީސް ޔާމީނަށް އިއްވައިފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި މަޑު ޖެހިފައިވާއިރު، މިކަމާ ގުޅިގެން އެމަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭތީ،  އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އެ ކޯޓުގެ ރަޖިސްޓްރަރ ބަލައިގެންފައެއް ނުވެއެވެ.

ރައީީސް ޔާމީންގެ ވަކީލުން ވިދާޅުވަނީ، ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ މުއްދަތު ހަމަވުމުގެ ކުރިން، އެމަނިކުފާނަށް ޤާނޫނީ ފަރުވާ ލިބޭނެއެވެ.