އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މަގާމުން ވަކި ކުރަން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭވު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައި، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ ތެރޭގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ފުއާދުގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ބޭއްވި ބައްދަލުވުމުގައި ހަތަރު މެންބަރަކު ބައިވެރިވެވަޑައިގެންނެވިއިރު ފުއާދުގެ އިތުބާރު ނެތްކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއެވެ.
އެ ތިން މެންބަރުންނަކީ އަލީ ނަޝާތާއި ޑރ.މުހައްމަދު ޒާހިރާއި މުހައްމަދު އާސިފެވެ.
ވައްޑޭ ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ އިތުބާރު ވަރަށް ދަށް ކަމަށް ސާވޭތަކުން ދައްކާ ކަމަށާއި މިނިވަން މުއައްސަސާއެއްގައި މި ވަގުތު ހުރި އެންމެ ގިނަ ބަޔަކުގެ އިތުބާރާ އިހުތިރާމު ލިބިފައިވާ އީސީގެ ރައީސް ފުއާދު ރިޔާސީ އިންތިހާބާ ދިމާކޮށް ވަކިކުރަން ރައީސް ސޯލިހު ކުރައްވާ މަސައްކަތް ހުއްޓުވަންޖެހޭ ކަމަށެވެ.
ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރި ނަމަވެސް ގާނޫނީ ގޮތުން ކޮމިޝަންގެ ރައީސް މަގާމުން ވަކިކުރުމުގެ ބާރު ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ފުއާދު ވިދާޅުވީ ކޮމިޝަނުގެ މެންބަރުުންގެ މެދުގައި ނަގާ ވޯޓަކުން އޭނާ މަގާމުން ވަކިނުކުރެވޭނެ ކަމަށެވެ. އަދި އަމިއްލައަށް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
