މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން، ށ.ޅައިމަގަށް ވެވަޑައިގަންނަވާނެ އާ ވައުދެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް މިއަދު އެރަށަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ ޅައިމަގަށް ބޭނުންވާ އަސާސީ ކަންކަން މި ސަރުކާރުން ކޮށްދީފައިވާ ކަމަށާއި، އެހެން ކެންޑިޑޭޓަކަށް، އަސާސީ ކަންކަމާއި ގުޅޭ އާ ވައުދެއް ނުވެވޭނެ ކަމަށެވެ.
”މި ވޭތުވެދިޔަ އަހަރުތަކުގައި ނުކުރެވި ހުރި ކިތަންމެ ކަމެއް، މި ފަސް އަހަރުގެ ތެރޭގައި މިދަނީ ކުރަމުން. ތިޔަ ބޭފުޅުންނަށް މި ސަރުކާރު ޓެސްޓު ކުރެވިފައި މިހާރު އޮންނާނީ. ވީ ވައުދާ އެއްގޮތަށް ކަން ވަމުން ދިޔަކަން.“
ރައީސް އިތުރަށް ވިދާޅުވީ، ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ވެސް، މި ސަރުކާރުން 15 އަހަރު ދުވަހުން ކުރެވޭނެވަރުގެ މަސައްކަތްތައް ކުރި ކަމަށެވެ.
”މި ދައުރު ނިމޭއިރު، ދެން އަންނަ ވެރިކަމެއްގައި، ކެންޑިޑޭޓަކު ވާނެ މާ ބޮޑު ވައުދެއް، އަޅުގަނޑު ހިތުން، އަސާސީ ހައްގުތަކާ ބެހޭ ގޮތުން ވާނެ ވައުދެއް، މި ރަށަކަށް ނޯންނާނެ. ހަދަންޏާ ހަދަން ޖެހޭނީ ދޮގު.“ ރައީީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެހެން ރިޔާސީ ކެންޑިޑޭޓަކު ޅައިމަގަށް ވައުދެއް ވެވަޑައިގަންނަވާނަމަ، ވާން ޖެހޭނީ ކުރިން ކޮށްފައިވާ ކަމެއް، އެހެން ގޮތަކަށް ކޮށްދިނުމަށް ކަމަށެވެ.
