ތުރުކީގެ އަންތާލިޔާގައި މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫއެންއެފްސީސީސީ ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް ދިވެހިރާއްޖޭގެ ފަރާތުން، ގައުމީ ބަޔާން އިއްވަވާނެއެވެ.

އަދި މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ޤައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެ އެވެ.

ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫއެންއެފްސީސީސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ.

މީގެއިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމަޢީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި، އަދި މަދަނީ ޖަމުޢިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެއެވެ.

ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީހީ ޔޫއެންއެފްސީސީސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުއާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.