ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން(އީީސީ)އިން މިއަދު ބަލައިގެންފިއެވެ.
މުއިއްޒުގެ ފޯމު ހުށަހެޅުއްވީ މިއަދުއެވެ. އޭނާގެ ރަނިންމޭޓަކީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު(ސެމްބެ)އެވެ.
މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ، އިދިކޮޅު ލީޑަރު، ރައީީސް ޔާމީންގެ ފުރިހަމަ ތާއީދާއިއެކުގައެވެ.
ރައީސް ޔާމީން ޑރ. މުއިއްޒަށް ތާއިދު ކުރެއްވިކަން ހާމަ ކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ޑރ. ޖަމީލް ވިދާޅުވީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި އާއްމު މެމްބަރުންނާއި، ލައްކައަކަށް ވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުން ކަމަށެވެ.
މުއިއްޒު އަކީ ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވައިފައިވާ، ތައުލީމީ ގޮތުން ވަރަށް ގާބިލު ބޭފުޅެކެވެ.
