އެއްވެސް ހާލަތެއްގައި އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ނާދެވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކުރާ ބައިގައި، އޮކްޓޫބަރު 7، 2023 އަށްފަހު އިޒްރޭލުން ހިންގަންފެށި ގަތުލްއާންމު ހުއްޓާލާ، ހާލަތު ބަދަލުވަންދެން އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭ ގޮތަށް އޮތް ނަމަވެސް، މިހާރު ހުށަހަޅާފައިވާ ބިލުގައި އޮންނާނީ އެ ހާލަތަށް ރިއާޔަތް ނުކޮށް، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް މުތުލަގަށް، ކަނޑައަޅާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށާއި ރާއްޖޭގެ އިމުގެ ތެރެއަށް އެ ގައުމުގެ އެއްވެސް މީހަކަށް އާދެވޭ ގޮތްވުމަކީ ގަބޫލުކުރާނެ ހަމައެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ ސިޔާސަތާއި ސްޓޭންޑް ރާއްޖެއިން ބައިނަލްއަގުވާމީ އެކި މަންސަތަކުގައި އެކި ފަހަރުމަތިން ނަގަހައްޓާ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އުފުލި އެކި ގާނޫނީ ދައުވާތަކުގައި ރާއްޖެއިން ވަކާލާތުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިމައްސަލައިގައި ރާއްޖޭގެ ސްޓޭންޑް މިހާތަނަށް ތަފާތުވެފައިނުވާ ކަމަށާއި އެކަމަކީ ދިވެހި ރައްޔިތުންނަށް ހައްސާސް މައްސަލައެއް ކަމަށެވެ.