ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދ. ހުޅުދެލީގެ ބަނދަރާއި ފެނަކަ އޮފީހާއި އިންޖީނުގެ ހުޅުއްވައިދެއްވައި, ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.
ރައީސް މި މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވީ އެމަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރިއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް މިއަދު ހުޅުއްވައިދެއްވި ދ. ހުޅުދެލީގެ ބަނދަރުގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ.
ބަނދަރުގެ މަސައްކަތްތަކުގެ ތެރޭގައި 277 މީޓަރުގެ ބޭރުތޮށި ލުމާއި 432 މީޓަރުގެ އެއްގަމު ތޮށި ލުމާއި އަދި ބަނދަރާއި ގުޅޭ އިތުރު މަސައްކަތްތައް ހިމެނެއެވެ. ހުޅުދެލީ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
ރައީސް މިއަދު ހުޅުއްވައިދެއްވީ ހުޅުދެލީގެ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ ޖާގަ ތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށްފައިވާ ތަނެކެވެ.
މިހާރުގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 1070 ކިލޯވޮޓެވެ.
