ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަކީ އިސްލާމް ދީނަށް ތަބާވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ރޯދަ ވެސް ހިފާކަމަށް ވިދާޅުވެ، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް އެމަނިކުފާނަށް  ތައުރީފު ކުރައްވައިފިއެވެ.

ރައީސް ސޯލިހާއެކު ކޯލިޝަން ހަދައިފައިވާ އެމްޑީއޭގެ ލީޑަރު ސިޔާމް ދ.ހުޅުދެލީގައި މިއަދު ބޭއްވި ”އުފާވެރި އަމާން ރާއްޖެ“ ކެމްޕެއިން ޖަލްސާގައި ވިދާޅުވީ، އޭނާ ވަރަށް ރަނގަޅަށް ރައީސް ސޯލިހު ދަންނަ ކަމަށެވެ. ރައީސް ސޯލިހު ފަސް ވަގުތު ނަމާދު ކުރައްވާ ކަމަށާއި، ދަމު ނަމާދު ކުރައްވައި، ރޯދަ ވެސް ހިފާ ކަމަށް ވިދާޅުވިއެވެ.

”އެހެންވީމާ، އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީން ކުރިއަރުވަން އުޅޭ ބޭފުޅަކީ އިބްރާހީމް މުހައްމަދު ސޯލިހު. އެ ދީނަށް ތަބާވާ ބޭފުޅެއް އިބްރާހީމް މުހައްމަދު ސޯލިހަކީ.“

 

ސިޔާމް އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު ދުވަހަކުވެސް އިސްލާމްދީނަށް ޖޯކު ޖަހައިފައި ވެސް ނުވާ ކަމުގައެވެ.

ރައީީސް ސޯލިހު ރޯދަ ހިފައި، ނަމާދު ވެސް ކުރައްވާ ކަމަށް ސިޔާމް މީގެ ކުރިން ވެސް ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވިއެވެ. ނަމާދު ކުރުމާއި ރޯދަ ހިފުމަކީ މުސްލިމުންގެ މައްޗަށް މާތް ރަސްކަލާނގެ ފަރުޟު ކުރައްވައިފައިވާ އަޅުކަންތަކެކެވެ.