ޕީޕީއެމްގެ ބިޔަ ލަޝްކަރު، ފޫގަޅައިގެން ނުކުމެތިބީ، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ހޮވަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ޣައްސާން މިގޮތަށް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ މުއިއްޒު އަށް ތާއީދު ކުރެއްވުމަށް ރައީސް ޔާމީނު ނިންމެވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ޣައްސާން ވިދާޅުވީ ރައީސް ޔާމީނަކީ ވައުދު ފުއްދަވާ ރައްޔިތުންދެކެ ލޯބިވާފުޅުވާ ރައީސް އެއް ކަމަށެވެ.

“މުއިއްޒު އާއި ހުސެއިން މުހައްމަދު ލަތީފު އަކީ ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށް ނިންމަވައިފި. ޕީޕީއެމްގެ ބިޔަ ލަޝްކަރު ފޫގަޅައިގެން މި ނިކުތީ އެ ދެބޭފުޅުން އިންތިހާބު ކުރަން “ ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ތަކުރާރުކޮށް ވިދާޅުވީ ރައީސް ޔާމީނަށްޓަކައި އިންތިހާބު ކާމިޔާބުކުރަންޖެހޭ ކަމަށެވެ.

މުއިއްޒުގެ ކެންޑިޑެސީ ފޯމު، މިއަދު އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފައެވެ.