ރައީީސް ޔާމީން އަބްދުލްޤައްޔޫމް، ރާއްޖޭގެ ކޯޓު ނިޒާމުގެ ތެރޭގައި ކަސްތޮޅު އަޅުވައިފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް އިންސާފު ނުލިބޭތީ، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު، ޑރ.ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންސާފު ލިބުމުން މަހުރޫމްކޮށް، ރައީސް ޔާމީންގެ އަސާސީ އެތަކެއް ޙައްޤެއް އަނިޔާވެރިކަމާއެކު ނިގުޅައިގަނެފައިވާ ކަމަށެވެ.

”މިއީ ބަލައިގަނެގެން ހުރެވޭނެ އަނިޔާއެއްނޫން. ކުރިއަށް އޮތް ކޮންމެ ހަފްތާއެއް އަދި ކޮންމެ ދުވަހެއްވެސް ހޭދަކުރާނީ ހަމަ ރައީސް ޔާމީން މިނިވަން ކުރުމަށް.“

ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ވ.އާރަށް މައްސަލައިގައި ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށް ނުގެންދާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

އެމަނިކުފާނުގެ އިސްތިއުނާފު ޙައްޤަށް ސަރުކާރުން ”އަރައިގަތުމުން“ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުޞަތުވެސް ވަނީ ގެއްލިފައި ކަމަށް ޖަމީލު ކުރިން ވިދާޅުވިއެވެ.