އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި އެތައް ނަމެއް އޮތްއިރު، ހަމައެކަނި އިދިކޮޅު ލީޑަރު، ރައީސް ޔާމީން ޖަލަށް ލުމަކީ އިންސާފެއް ނޫން ކަމަށް ދަ ޑިމޮކްރެޓްސްގެ ބާނީ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި ޑިމޮކްރެޓްސްއިން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ތަކުރާރުކޮށް ގޮވައިލެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މީހުން ޖަލުން ނެރުމަކީ އެމަނިކުފާނު ވަރަށް ފަރިތަ ކަމެއް ކަމަށާއި، ރައީީސް ޔާމީން ދެން ގިނަ ދުވަހު ޖަލުގައި އޮންނަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
”އެނގިވަޑައިގަންނަވާނެ، އެމްއެމްޕީއާރްސީގެ ވައްކަމުގައި 273 މީހުން، އެބަ ހިމެނޭ. އެހެންނަމަވެސް، އޭގެ ތެރެއިން، އެންމެ ބޭފުޅަކު ގެންގޮސް ހިފާ ހައްޔަރުކޮށް، ފަސް އަހަރުވީމާ، އެއީ އިންސާފުގެ ގޮތުގައި އަޅުގަނޑުމެންނަކަށް ބަލައެއް ނުގަނެވޭނެ.“
ރައީީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީީސް ޔާމީން މިނިވަން ކުރަން ގޮވައިލައި ބާއްވާ އިހުތިޖާޖުތަކުގައި ވެސް ދެން ޑިމޮކްރެޓްސްއިން ބައިވެރިވާނެ ކަމަށެވެ.
ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނައިރު، އެ ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ހައިކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ. އެމަނިކުފާނު މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ޕީޕީއެމް-ޕީއެންސީން އަންނަނީ ސިލްސިލާކޮށް އެއްވުންތައް ބާއްވަމުންނެވެ.

ވަރަށް މުހިންމު ހަބަރަކަށް ކަލޭމެންނަން ވާނެ އޭނަ އެހެން ބުނެގެން އެއީ ހުދަންބަރެއް މިހާރު ޕީޕީއެމް އަދި އެމީހުންގެ ޕޮރޮޕެގެންޑާ ފަތުރާ މީހުންނަން