އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް ނޭޅުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޖުމްލަ 8 ފަރާތަކުން ވަނީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅައިފައެވެ.

މިއީ 2008 ގެ ފަހުން ރިޔާސީ އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ ފަހަރެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންސާފުވެރިކަމާއެކު އިންތިހާބު ބޭއްވުމަށް އިންތިހާބުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑަށް ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން އަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބައްދަލުވުންތައް ބޭއްވުމާއި އެއް ބަޔަކު ބާއްވާ ބައްދަލުވުމަށް އަނެއް ބަޔަކު ހުރަސް ނޭޅުމާއި ދެ ޕާޓީއަކުން އެއް ފަހަރާ އެއް ތަނެއްގައި ބައްދަލުވުންތައް ނުބޭއްވުމަށް ހަބީބު އިލްތިމާސްކުރެއްވިއެވެ.

އަދި ކެމްޕޭން ބައްދަލުވުންތައް ހިނގަމުންދާ ވަގުތު އުނދަގޫކޮށް އިންތިޒާމު ނަގާލުމަށް މަސައްކަތް ނުކުރުމަށާއި އެފަދަ ކަމެއް ހިނގާނަމަ އަމިއްލަ އަށް އެކަން ހައްލުކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއެކު އެކަން ހައްލުކުރަން މަސައްކަތް ކުރުން މުހިއްމު ކަމަށް ހަބީބު ވިދާޅުވިއެވެ.