އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ފަރާާތްޕުޅުން، އެންމެ ފަހުން ބައްދަލުވެވަޑައިގެންނެވިއިރުވެސް ފެނިގެންދިޔައީ ގައުމީ ލޯބި ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިނުގައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ވަޑައިގެން ނޫޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ  ހައިކޯޓުން ރައީސް ޔާމީން އަބްދުލްގައްޔޫމާއި ބައްދަލުވެވަޑައިގެންނެވި ކަމަށާއި، އެވަގުތުކޮޅު ތެރޭގައި ވެސް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ގައުމީ ލޯބި ހާމަ ވެގެންދިޔަ ކަމަށެވެ. އެމަނިކުފާނަށް ސަރުކާރުން އަނިޔާ ކުރަމުންދަނީ އެއްވެސް ޙައްޤެއް ނެތި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އެކި ފަހަރު މަތިން ހައްޔަރުކޮށްގެން މިހާރު، 1000 ދުވަސް މިވީ، މާދަން ނޫން އަނެއް ދުވަހަށް، އެބަ އެއްހާސް ދުވަސް އެބަ ހަމަވޭ. އިރާދަކުރެއްވިއްޔާ، އަނިޔާވެރިކަން އަޅުގަނޑުމެން ނިމުމަކަށް ގެންނާނަން.“

މުއިއްޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ސަރުކާރު އަނިޔާވެރިއެއް ނުވާނެ ކަމަށާއި، ސިޔާސީ ގޮތުން މީހުން ޖަލަށްލައި އަނިޔާއެއް ނުދޭނެ ކަމަށެވެ. މުއިއްޒުގެ ވެރިކަމެއްގައި ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރައްވާނެ ވާހަކަވެސް ތަކުރާރު ކުރެއްވިއެވެ.

”އަދުލު އިންސާފުން ބޭރުން ކަންކަން ކުރުމެއް އިރާދަކުރެއްވިއްޔާ ނޯންނާނެ، އިނގޭތޯ“

މުއިއްޒު ވަނީ ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ރައީީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެންމެ އިސްކަން ދެއްވާނެ ކަންތައް ކަމުގައި ވިދާޅުވިއެވެ.