އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްބާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު ގެ 29 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ރިޔާސީ އިންތިޙާގައި ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓު ނެގުމާއި ވޯޓް ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ މީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބަކު ޢައްޔަންކުރުމުގެ ފުރުސަތު، ލިބިދެއެވެ.

އީސީން ބުނީ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަސް ކަމަށެވެ.

މަންދޫބުންގެ ޝަރުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުމާއި ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒުކުރާ މީހަކަށް ނުވުމާއި އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުމާއި ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް ނުވަތަ ވެރިއެއް ކަމުގައި ނުވުމާއި ފުލުހެއް ނުވަތަ ސިފައިންގެ މީހަކަށް ނުވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން އިންހާބީ ކުށެއް ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކަށް ނުވުން ވެސް ހިމެނެއެވެ.