ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ފުލުހުނަށް ގޮވާލައިފިއެވެ.
އެ ކޯލިޝަނުން މިހެން ގޮވައިލީ، އިއްޔެ ގއ.ވިލިނގިއްޔަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަތުމުން، އެމަނިކުފާނާ ދެކޮޅަށް އަޑު އުފުލި މީހުން ފުލުހުން ހުއްޓުވައި، އަނިޔާ ކުރުމުން، އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.
އިދިކޮޅުގެ ބަޔާނުގައި ބުނީ، ގއ. ވިލިނގިލީގައި ސުލްހަވެރިކަމާއެކު، އިހުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުން ކުށްވެރިކުރާ ކަމަށެވެ.
”ގާނުނު އަސާސީއިން ލިބިދީފައިވާ އަސާސީ ހައްގަށް ހުރަސް ނޭޅުމަށް ގޮވާލަން.“
ބަޔާނުގައި ބުނީ ކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް ރައީސް ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާއަށް ނުހައްގުންން އަނިޔާވެރިވެ، ޖަލުގައި ބަންދުކޮށްފައި ބަހައްޓައިގެން ރައީީސް ސޯލިހު ވިލިނގިއްޔަށް މިނިވަންކަމާއެކު ކެމްޕެއިން ދަތުރެއްގައި އަރާވަޑައިގަތުމުން އެކަމާއި ދެކޮޅަށް އަޑު އުފުލާ ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަމުން ދިޔަ ވިލިނގިލީގެ އެތައް ރައްޔިތުންނަކަށް ފުލުހުން މެދުވެރިކޮށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެރައްޔިތުންނަށް އަނިޔާކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައިވެއެވެ.
އަދި ގާނޫނުއަސާސީއާއި ގާނުނު ތަކުން ދިވެހި ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި އިހުތިޖާޖު ކުރުމުގެ ހައްގަށް ސަރުކާރުން އަރައިގަނެ، އެ ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ވިލިނގިލީގެ ތިން ބޭފުޅަކު އަނިޔާވެރިކަމާއެކު ހައްޔަރުކުރި ކުރުން މިކޯލިޝަނުން ބަލައިނުގަންނަ ކަމަށެވެ.
ސުލްހަވެރިކަމާއެކު، ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީ ގާނޫނު އަސާސީ އިން ދިވެހި ރައްޔތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގަކަށްވާއިރު، އެކަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލަމެވެ.
އަދި ސަރުކާރުގެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ދިވެހި ފުލުހުންނަށް ވަނީ ގޮވާލާފައެވެ.
އެއާއެކު ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ކުރަމުން ގެންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށްވެސް އިދިކޮޅުން ގޮވާލައިފައިވެއެވެ.
