ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުތުމަށް، ވާދަވެރި ސިޔާސީ ޕާޓީތަކަށް ގުޅިގެން ކޯލިޝަނެއް ނުހެދި ދިގުލައިގެން ދިޔައީ އެންމެން ވެސް ވެރިކަން ބޭނުންވާތީ ކަމަށާއި، އެމަނިކުފާނު މެނުވީ ދެން ވާދަ ކުރައްވާ ކެންޑިޑޭޓުން އުޅުއްވަނީ އަމިއްލަ ފައިދާއަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ނ.މާފަރަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލު ކުރައްވައެވެ. އެމަނިކުފާނު ވަނީ، އަންނަ މަހު ބާއްވާ އިންތިޚާބަށް ލީޑަރުން ވަކިން ނުކުމެވަޑައިގަންނަވަން ބޭނުންފުޅުވެލެއްވިކަން ފާހަގަކުރައްވައިފައެވެ.
”މާދަމާ ސޮއިކުރާނެއޭ ވެސް ހީވި. ނަމަވެސް ކޮންމެ މީހަކު ވަކިވަކިން. ބައިވެރިވާނެ އެކަކު ވެސް ނުވި،“ ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ އެހެން ކެންޑިޑޭޓުން އުޅުއްވަނީ އަމިއްލަ ފައިދާއަށް ކަމަށާއި، އެއިން ބޭފުޅަކަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ކޮށްދޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
”އަމިއްލަ އަމިއްލައަށް ބޭނުންވާ ކަންތައްތަކެއް ނޫން ކަމެއް ކުރާނެ މީހެއް މި ފަހަރަކު، މި އިންތިހާބަކު އަޅުގަނޑު ނޫނީ ނެތް،“ ރައީސް ވިދާޅުވިއެވެ.
މި ފަހަރުގެ އިންތިޚާބުގައި އެމްޑީޕީއާއި އެކުގައި ނުކުންނަން ނިންމީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އެކަންޏެވެ. ރައީީސް ޞާލިޙު ގިނަ ސިޔާސީ ޕާޓީތަކަށް ކޯލިޝަން ހެދުމަށް ފޮނުއްވި ދަޢުވަތު ޤަބޫލު ކޮށްފައެއް ނުވެއެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.

އެކިޔޭ ނުކިޔޭ އެއްޗެއް އެ ނގޭބާވަޔޭ ހިތަށްއަރާ