ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) އެޕާޓީން ވަކިވެ ވަޑައިގެންފިއެވެ.
ޕާޓީން ވަކިވަމުން، އިބްރާ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލަށްފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އޭނާއަކީ އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި 42 މީހުންގެ ތެރެއިން އެކަކު ކަމަށެވެ.
އަދި 2005 ވަނަ އަހަރު ރަސްމީކޮށް އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީވެސް އޭނާ ކަމަށާއި އެ ޕާޓީ އަކީ އަނިޔާވެރި ވެރިކަމެއްގެ ތެރޭގައި އެތައް ރައްޔިތުންނެއް ވެފައިވާ ބޮޑު ޤުރުބާނީއެއް ކަމަށެވެ.
އިބްރާ ވިދާޅުވީ އެމްޑީޕީ އުފެއްދި މަޤްސަދާއި އެޕާޓީގެ އަސްލު ސިފަތައް މިހާރު ގެއްލިފައިވާ ކަމަށާއި ދިގު އިންތިޒާރަކަށްފަހު ދިވެހި ރައްޔިތުން 2018 ވަނަ އަހަރު އެމްޑީޕީއާ ޙަވާލުކޮށްފައިވާ ވެރިކަމުގައި ރައްޔިތުން އުންމީދުކުރިވަރާ ގާތަށްވެސް އެމްޑީޕީއަށް ނަތީޖާ ނެރެދެވިފައި ނުވާކަމަށެވެ.
ހަމައެއާއެކު އެމްޕީން އެންމެ ބޮޑަށް ވަކާލާތު ކުރަމުންދިޔަ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ވަޢުދުވެސް ނުފުއްދި ކުރިއަށްވުރެ އެދާއިރާގެ މައްޗަށް ސަރުކާރުގެ ނުފޫޒު ބޮޑުވެފައިވާ ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.
އަދި ފާއިތުވެގެން މިދިޔަ 5 އަހަރު ފެނިގެން ދިޔައީ އެކަންކަން އިހުނަށްވުރެ ގޯސްވެގެން ދިޔަތަން ކަމަށް ވެސް އިބްރާގެ ސިޓީގައިވެއެވެ.
”މިއަދު ސިވިލް ކޯޓަކީ ބަންޑާރަނާއިބު އޮފީހުގެ ސެކްޝަނަކަށް ޕާޓީން ބަދަލުކޮށްފިއެވެ. ހައިކޯޓު ހިނގަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުންނެވެ.” އިބްރާގެ ސިޓީގައިވެއެވެ.
އިބްރާ ވިދާޅުވީ އަސްލު އެމްޑީޕީ އުފެއްދި މީހުން އެކުލަވާލި ސިޔާސަތުގައި އޮންނާނީ ވީހާވެސް އަވަހަށް ޢަދުލު އިންސާފު ޤާއިމުކޮށްދިނުމަށް ކަމަށާއި، އެ އެމްޑީޕީގައި ރައްޔިތުން ގަނަތެޅުވުން ނޯންނާނެ ކަމަށެވެ.
