މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ހަވަނަ ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރައިލި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ސާހިލް ޢަލީއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު މައްސަލައިން ތަނާޒުލުވެއްޖެއެވެ.

ޏ.ފުވައްމުލަކު/ކުރި, އުމުރުން 22 އަހަރުގެ ޝިއާ މަރާލައިފައި އޮއްވާ ފެނުނީ ސާހިލް ދިރިއުޅެމުންދިޔަ އެޕާޓްމަންޓުންނެވެ. ޝިއާ މަރުވި ފަހުން ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ތޫނު އެއްޗަކުން ހަމަލާދީ ޝިއާ މަރާލައިފައި އޮއްވާ ފެނުނު މައްސަލައިގައި ފ.ނިލަންދޫ/ފިނިފެންމާގެ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ ޑިސެމްބަރު 28 ގައެވެ.

ސާހިލްއަށް އުފުލާފައިވާ ދައުވާތަކަކީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި، ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި އިތުރު ދެ ދައުވާއެކެވެ.

އެ ދައުވާގެ ތަފްސީލު ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މި މަހުގެ 10 ގައެވެ.