ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅިގެން އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި 8،152 މީހުންގެ އެޕްލިކޭޝަން ފޯމް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބު މޮނިޓަ ކުރުމަށް ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި 4،545 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

އެގޮތުން އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ބޭފުޅުންނާއެކު، 3،607 އެޕްލިކޭޝަން ލިބިފައިވާއިރު އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ޖުމްލަ 8،152 އެޕްލިކޭޝަން އިލެކްޝަނަށް ލިބިފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

އެޕްލިކޭޝަންތަކުގެ މައުލޫމާތު ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހަބީބް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގައި 574 ވޯޓުލާ މަރުކަޒު ގާއިމް ކުރެވޭ އިރު، ކޮންމެ ވޯޓުލާ މަރުކަޒެއްގައި ރާއްޖެ އިން ގާތްގަނޑަކަށް 15 މީހުން އިންތިހާބު އޮބްޒާވްކޮށް މޮނިޓަ ކުރުމަކީ އިންތިހާބުގެ ކަންކަން ގާނޫނާއި ގަވައިދުގެ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އިލެކްޝަނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއް ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.