ދިވެހި ރައްޔިތުންގެ އުއްމީދުތައް ވަރަށް ބޮޑަށް ގުޅިފައި ވަނީ ޕީޕީއެމް-ޕީއެންސީ އާއި ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ހއ، އަދި ހދ.އަށް ކުރެއްވި ދަތުރަށްފަހުގައި، ވ، މ، ފ އަދި ދ އަތޮޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން، މީޑިއާއަށް ވިދާޅުވީ ބޮޑުތިލަދުންމައްޗަށް ކުރެވުނު ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ.
”ރައްޔިތުންގެ އުއްމީދުތައް ވަރަށް ބޮޑަށް ގުޅިފައި މި އޮތީ، ޕީޕީއެމް ޕީއެންސީއާ. އަޅުގަނޑުމެންގެ ސަރުކާރެއް ގާއިމު ކުރަން، ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބިކަން ފާހަގަކުރެވުނީ.“
މުއިއްޒު ވިދާޅުވީ ރިޔާސީ ކެމްޕެއިނުގައި ބާކީ އޮތް ދުވަސްތަކުގައި ބަހާލައިގެން އެކި ރަށްރަށަށް ދަތުރު ކުރައްވާނެ ކަމަށެވެ.
މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި، ހުރިހައި ރައްޔިތުން ގެދޮރުވެރި ކުރުވުމަށާއި، އެންމެންނަށް ވަޒީފާ ދިނުން ފާހަގަކޮށްލެވެއެވެ.
