ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ވެރިކަމެއްގައި އެއާ-އެމްބިއުލެންސްގެ ހިދުމަތް ރާއްޖޭގައި ފަށާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައެވެ.
މިގޮތުން މުއިއްޒު ވިދާޅުވީ ސީޕްލޭން މެދުވެރިކޮށް ރާއްޖޭގައި ވައިގެ މަގުން ބަލި މީހުން އުފުލޭނެ ނިޒާމެއް އެމަނިކުފާނުގެ ސަރުކާރެއްގައި ގާއިމުކުރެވިގެންދާނެ ކަމަށެވެ.
”ސީ ޕްލޭންގެ އެއާޕްލޭނެއް ޕައިލެޓް ޕްރޮޖެކްޓުގެ ގޮތުގައި އެކަތި ފުރޮޅުލާ ފުލީ އިކުއިޕްޑް އެއާ އެމްބިއުލޭންސަކަށް ބަދަލުކޮށް އުދުއްސަން ފަށާނަން،“ މުއިއްޒު ވިދާޅުވިއެވެ.
މި އިލެޓް ޕްރޮޖެކްޓް ކާމިޔާބު ވެއްޖެނަމަ ސީ އެމްބިއުލާންސް ވެސް އިތުރު ކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރެއްގައި ބޭރު ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ އެއްވެސް ހަރަދެއް އެމީހުންގެ އަތުން ކުރަން ނުޖެހޭ ގޮތަށް އާސަންދަ ނިޒާމު ބަދަލުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަ ދިމާވާ މީހުން އައިވީއެފް ޓްރީޓްމެންޓަށް ހަދަން ބޭނުންވާނަމަ އާސަންދައިގެ ތެރެއިން އެ ފަރުވާ ހޯދޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެއްވާނެ ކަމުގައެވެ.
