ހދ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް، ރައީީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ”ދަ ޑިމޮކްރެޓްސް“ ދޫކުރައްވައި އަލުން އެމްޑީޕީއާ  ގުޅިވަޑައިގެންފައި ވަނިކޮށް ނަޝީދު އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްއާ އެކު އިއްޔެ ކުޅުދުއްފުށްޓަށް ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުންނަކީ އަމިއްލަ ޒަމީރު އެހާ ވަރުގަދަ ބައެއް ނޫން ކަމަށެވެ.

”އެބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތީ ވަގުތީ އުފަލުގެ އަޖަލުގައި،“ ނަޝީދު ވިދާޅުވިއެވެ.

މެންބަރު ޔާސިރަށް އިޝާރާތް ކުރައްވާ އެކަމަކު ވަކި ނަމެއް ވިދާޅު ނުވެ ރައީސް ނަޝީދު ވިދާޅުވީ ޒުވާނުން ސިޔާސީ މައިދާނަށް ނެރުމަށް ކުރައްވާ މަސައްކަތުގައި އެންމެ ހާއްސަ ކަމެއް ދެއްވި އެއް ބޭފުޅަކީ ކުޅުދުއްފުށި ޒުވާން ކުއްޖެއް ކަމަށެވެ.

އެ ޒުވާނާއަށް މަޖިލިސް މެންބަރުކަމާއި ކޮމިޓީއެއްގެ މުގައްރިރުކަން ހޯދައިދީ އެކި ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ގިނަ ވަގުތުތަކެއް ވެސް ދެއްވި ކަމުގައި ވިދާޅުވިއެވެ.

”އެކަމަކު ވަގުތީ ފައިދާއެއްގެ ދަޅައިގައި ޒުވާން އުމުރުގައި ބައެއް ބޭފުޅުން ޖެހިދަނީ،“ ނަޝީދު ވިދާޅުވިއެވެ.