އިޓަލީން އުފަންވި ކެއުމެއް ކަމުގައި ވިޔަސް، މުޅި ދުނިޔެއަށް ވަކި ހިއްޕާލައިފައިވާ ޕިއްޒާ ކެއުމަށް ދިވެހީންގެ ތެރޭގައި އޮންނަ ފޯރި ވަކި ކުޑައެކޭ ދެންނެވޭކަށް ނެތެވެ.
އާއިލާ އާއި ރައްޓެހިން އެއްތަންވެ، ބާއްވާ އެކި އެކި ހަފްލާތަކާއި ހެޓްޓުގެދަރތައް ފަޅުފިލުވައިދޭ އެއްބައިވެރިއަކަށް ވެފައިވަނީ އެކި ރަހަތަކުގެ ޕިއްޒާއެވެ.
މި ފަހަރު ކިޔައިދޭން މިއުޅެނީ މީރު ޕިއްޒާތަކެއް ތައްޔާރު ކުރާ ހީވާގި މަންމައެއްގެ ވާހަކައެވެ. މިއީ 100 ޕަސެންޓް ދިވެހި އުފެއްދުމެއްގެ ވާހަކައެވެ. ފަތްމިނި ކަމަނާއިން ވިއްކާ ޕިއްޒާ އަކީ ”100 ޕަސެންޓް“ ދިވެހި އަންހެނެއްގެ އުފެއްދުންތަކެވެ.
މި ވަގުތު އަދި ހުޅުމާލެއަށް އެކަނި ޑެލިވަރީގެ ހިދުމަތްދޭ މި ކުޑަ ކުޑަ ވިޔަފާރީގެ ފަހަތުގައި ވަނީ ކާކުކަން އަދި އެއީ ސިއްރެއްގެ ގޮތުގައި ބާއްވަމާ ހެއްޔެވެ؟
އެއީ ކުރިން ހީވާގި މުދައްރިސެކެވެ. ނަމަވެސް ތިން ކުދިންގެ މަންމައަކަށް ވުމުން، ދަރިންނަށްޓަކައި ވަޒީފާ ދޫކޮށްލައި، ގޭގައި މަންމައެއް އަދި އަންބެއްގެ ޒިންމާތައް ފުރިހަމައަށް އަދާ ކުރަމުން އަންނަ ހިތްވަރުގަދަ ކަނބަލެކެވެ.
ގޭގައި އިނދެގެން ލިބޭ ހުސް ވަގުތުތަކުގައި ޔޫޓިއުބުން އެކި ވީޑިއޯ ބަލައިގެން ޕޭސްޓްރީގެ އެކި ވައްތަރުތައް ތައްޔާރު ކުރަން ދަސް ކުރަމުން ގޮސް، މި ޕިއްޒާއެއް ހެދުމުގެ މަސައްކަތަށް އޭނާއަށް ވަދެވުނީއެވެ. އެންމެ ފުރަތަމަ މިކަން ފެށީ ރަށުގައި އުޅެމުން ކަމުގައިވާތީ، ޕިއްޒާ ވިއްކަމުން ދިޔައީ ރަށުގައެވެ. ރަށުގައި ”ފަތްމިނިކަމަނަ“ގެ ޕިއްޒާ ވަރަށް ބޮޑަށް ވައިގައި ހިފައި، ގިނަ ބައެއްގެ ރަނގަޅު ކޮމެންޓުތަކެއް ލިބުމުން، މިކަމުގައި އިތުރަށް ކުރިއަށް ދާން ހިތްވަރަކަށް ވެގެންދިޔައެވެ.
ފަތްމިނިކަމަނަގެ ނަމުގައި އިންސްޓެގްރާމް ޕޭޖެއް ހަދައިގެން، މި މަންމަ ތައްޔާރު ކުރާ ޕިއްޒާގެ އެކި ރަހަތައް ހެޔޮ އަގުގައި ލިބެން އެބަހުއްޓެވެ. ތިރީގައި އެވަނީ ފަތްމިނިކަމަނާގެ ޕިއްޒާ މެނޫއެވެ.

މި މަސައްކަތުގައި ފަތްމިނިކަމަނަ އަށް ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ. ޕޭޖުގެ ނަން އިހްތިޔާރުކޮށް، ލޯގޯ ވެސް ފަރުމާ ކުރީ ފިރިމީހާއެވެ.
ފަތްމިނިކަމަނަ ޔަގީން މި ކޮށްދެނީ ގޭގައި އިނދެ، ގިނަ ދަރިންނާއި ފިރިމީހާގެ ކަންކަން ކޮށްދެމުން ވެސް ވިޔަފާރިއެއް ފެށިދާނެކަމެވެ.

ފަތްމިނިކަމަނަގެ ބާނީ، މި ނޫހަށް ބުނީ އޭނާ މަަސައްކަތް ދަސް ކުރީ ޔޫޓިއުބް ބަލައިގެން ކަމުގައި ވިޔަސް، އޭނާ ތައްޔާރު ކުރާ ކޮންމެ އެއްޗަކަށް ވެސް އަމިއްލަ ރަހައެއް ގެނުވާ ކަމަށެވެ.
ވަރަށް ލޯތްބާއިއެކު އޭނާ ތައްޔާރު ކުރާ ޕިއްޒާތަކުގައި ވެސް ދިވެހިވަންތަ ރަހަތައް ހުންނާނެ ކަމުގެ ޔަގީންކަންވެސް ދިނެވެ.

ގޭގައި ތިބޭ މަންމައިންނަށް، މި މަންމަ ދޭ މެސެޖަކީ، ކުރާ ހިތްވާ ކަމެއް އޮތްނަމަ، ގަދަ އަޒުމެއްގައި މަސައްކަތް ކޮށްގެން އެކަމަކުން ނަފާއެއް ހޯދުމަކީ ވެދާނެ ކަމެއް ކަމުގައެވެ.
ފަތްމިނިކަމަނަގެ އިންސްޓެގްރާމް ޕޭޖު ބަލައިލަން، މި ލިންކަށް ވަންނާށެވެ.
އަސުރުން އެދެނީ ފަތްމިނިކަމަނަގެ މަސައްކަތަށް އިތުރު ކާމިޔާބީއެވެ.
