އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު، މިއަދު ސަރުކާރުގެ ގެޒެޓްގައާއި އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މި ފައިނަލް ލިސްޓަކީ އީސީގެ ވެބްސައިޓުގައި ދުވަހުން ދުވަހަށް އާންމުކުރަމުން ސިޔާސީ ޕާޓީތަކާ ލިސްޓު ހިއްސާކޮށް، ޝަކުވާއަށް ހުޅުވައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށްވެސް ރިއާޔަތް ކުރުމަށްފަހު ފައިނަލްކުރެވިފައިވާ އެންމެ ފަހުގެ ލިސްޓުކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ކޯޓަކުން އަމުރު ކުރައްވައިގެން ނޫންގޮތަކަށް، ވޯޓުލާ މީހުންގެ ފައިނަލް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.