އިސްލާމިކް މިނިސްޓްރީން އޭނާގެ އިމާމުކަން ކުރުމުގެ ހުއްދަ ހިފަހައްޓައިގެން އުޅޭތާ ފަސް އަހަރުވަނީ ކަމަށް ވިދާޅުވެ ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަލީ  ވަނީ އިސްލާމިކް މިނިސްޓްރީން 2010 އޮކްޓޫބަރު 11 ގައި އޭނާއަށް ދޫކޮށްފައިވާ އިމާމުވެ ހުކުރު ނަމާދުކުރުމުގެ ހުއްދައިގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފައެވެ.

“މ.ވައްތިޔަރަގެ / މާލެ. އަލްފާޟިލް ޢަލީ ރަމީޒު (A034027) އަކީ އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ގާބިލުކަން ހުރި މީހަކަށްވާތީ އޭނާއަށް މާލެ, އަތޮޅުތަކުގެ ރަށްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދީފީމެވެ.“ އޭރުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވައި ދޫކޮށްފައިވާ ހުއްދައިގައި ވެއެވެ.

އަލީ ރަމީޒް ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ އިސްލާމިކް މިނިސްޓްރީން އޭނާއަށް އިމާމުކަން ކުރުމުގެ ހުއްދަ ހިފަހައްޓައިގެން އޮވެ ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައީ ކަމުގައެވެ.

އަލީގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ. މި ސަރުކާރުން ވަނީ ބައެއް ދީނީ އިލްމުވެރިންނަށް ފަތުވާ ދިނުމުގެ ހުއްދަ ވެސް ހިފަހައްޓައިފައެވެ.