މާލެ ސިޓީގެ މޭޔަރު، ޑރ.މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ވެރިރަށް މާލެއިން ބޭރުގައި އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭނެ ރަށަކަށް މާފުށީ ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނުގައި، ރޭ، ކ.ގުރައިދޫ ދާއިރާގެ ރައްޔިތުންނާއެކު ބޭއްވި އެއްވުމުގައި މުއިއްޒު ވިދާޅުވީ ފަތުވެރިކަން ފުޅާވަމުން އަންނަ ހިސާބުތަކަށް، އެކަމުގައި ކުރިއަށްދެވޭނެ ފަސޭހަ މަގުތައް ފަހިކޮށްދޭންޖެހޭކަމަށެވެ.

މާފުށީގައި ބޭރު ފަސާގެ މުއާމަލާތް ގިނައިން ހިނގާ ކަން ފާހަގަކުރައްވައި، މުއިއްޒު ވިދާޅުވީ ޑޮލަރުގެ މުއާމަލާތްކުރެވޭނެ ފަސޭހަ ގޮތެއް އެރަށުގައި އޮންނަންޖެހޭކަމަށެވެ.

“މާފުށީގައި އެންމެ ބޮޑަށް މުޢާމަލާތްކުރެވެނީ ބޭރު ފަސާއިން. އެހެންވީމަ އެކަމަށް މަގުފަހިވާންޖެހޭ. މާފުށީ ހަދާނަން ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓާ ރަށަކަށް.” މުއިއްޒު ވިދާޅުވިއެވެ.

 

މުއިއްޒު އިތުރަށް ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ އަތޮޅު މާފުށީގައި މި ސަރުކާރުން ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެ ރަށު ރައްޔިތުން އެދިފައިވާ ގޮތަށް ނޫން ކަމަށެވެ.

އެކަމުގައި އެއްވެސް ގޮތަކަށް ރައްޔިތުންގެ މަޝްވަރާއެއް ވެސް ހޯދާފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން މުއިއްޒުގެ ވެރިކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދައިގެން ރައްޔިތުން އެދޭ ގޮތަށް މާފުއްޓަށް ބިން އިތުރު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.