ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯ ލޯންޗު ކޮށްފައިވާއިރު، އެ މެނިފެސްޓޯގައި އުމުރުން 18 އަހަރު ފުރިފައިވާ، ބޯހިޔާވަހިކަމަށް ޝަރުތުވާ ކޮންމެ މީހަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރުކޮށްދިނުމަށް ހިމަނައިފިއެވެ.
ރޭ ލޯންޗު ކުރި މެނިފެސްޓޯގައި ވަނީ، ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް 65،000 ގެދޮރު ޔަގީންވާނެ ގޮތަށް ގައުމީ ތަރައްގީގެ މައި ތަނބުގެ ގޮތުގައި ގްރޭޓަރ މާލެ ރީޖަން ތަރައްގީ ކުރަން ހިމަނައިފައެވެ.
މީގެ އިތުރުން، މުއިއްޒުގެ މެނިފެސްޓޯގައި އަލަށް ގެދޮރު އިމާރާތްކުރާ ހުރިހާ ފަރާތްތަކަށް، ފަސޭހައިން ދައްކާ ހަލާސްކުރެވޭނެ ގޮތަށް، 5 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި، ގެދޮރުވެރިކަމުގެ ބޭންކް ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމާއި، ގެދޮރު އިމާރާތްކުރަން އަމިއްލަ ފަރުދުން ފަށާ، އެކި ސަބަބުތަކާހުރެ ކުރިއަށްނުގެންދެވި ހުއްޓިފައިހުރި މަސައްކަތްތައް ނިންމާލުމަށްޓަކައި ލުއި ބޭންކް ލޯނު ސްކީމެއް އަލަށް ތަޢާރަފުކުރުމާއި، މާލެއާއި ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްގީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުން ހިމަނައިފައިވެއެވެ.
އަދި މާލެއާއި، ހުޅުމާލެއާ، ވިލިމާލެއާއި އެއްގަމު މަގުން ގުޅިގެންދާގޮތަށް ގުޅީފަޅާއި، ގިރާވަރުފަޅު ހިއްކާ ތަރައްޤީކޮށް، ފުށިދިއްގަރުފަޅު ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމާއި، ސޯޝަލް ހައުސިންގ ފޯރުކޮށްދޭ ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ، ކުޑަ އިންޓެރެސްޓް ރޭޓެއްގައި، ލިބޭނެ ގޮތް ހަމަޖެއްސުމަށް ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުން ވެސް ހިމެނެއެވެ.
ގެދޮރުވެރިކަމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއްކަން ފުރިހަމައަށް ބަލައިގަނެ، އެކަން ކަށަވަރުކުރަން ގާނޫނުތައް އެކުލަވާލުމާއި ސިޔާސަތުތައް ރާވާ، ތަންފީޒުކުރުމުގެ އިތުުރުން އެހެނިހެން މުހިއްމު ވައުދުތައްވެސް މި މެނިފެސްޓޯގައި ހިމެނިފައިވެއެވެ.
މެނިފެސްޓޯ ލޯންޗު ކުރުމަށް ރޭ ބޭޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ގެދޮރުގެ ދަތިކަމުގެ މައްސަލަ، އެހެން ގިނަ މައްސަލަތަކާއި ގުޅިފައިވާތީ، އެންމެ ބޮޑު އަމާޒަކީ އެކަން ހައްލު ކުރުން ކަމަށެވެ.
