ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަންނަ ޖެނުއަރީން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބ. ތުޅާދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މުސާރަތައް ދެން ބޮޑުކުރަން ނިންމާފައިވާ ދާއިރާތަކަކީ ސިފައިންނާއި ފުލުހުން، ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި، ކަސްޓަމްސް އާއި އިމިގްރޭޝަނާއި ކަރެކްޝަންސް އަދި ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާއި އިމާމުންނާއި މުދިމުންގެ އިތުރުން ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުން ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރަށް ފާސްކުރާ ބަޖެޓާއެކު އަންނަ ޖެނުއަރީން ފެށިގެން މި ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ އެންމެންގެ މުސާރަ ހެޔޮ ބަދަލެއް ގެނައުން ކަމަށާއި، މި ހެޔޮ ބަދަލު ސަރުކާރުގައި މަސައްކަތް ކުރާ 44،281 މީހެއްގެ މުސާރަ އަށް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”އެވްރެޖްކޮށް ކޮންމެ މީހެއްގެ މުސާރަ 40 ޕަސެންޓްގެ އިތުރުވުމެއް އަންނާނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ބަދަލާއެކު ސިފައިންގެ ޕްރައިވެޓަކަށް މިހާރު ލިބޭ 11،500ރ. ގެ ބަދަލުގައި 16،100ރ. އަށް މުސާރަ ބޮޑުވެގެންދާނެ ކަމަށާއި ކައުންސިލްތަކުގައި މިހާރު 7،000ރ. ލިބޭ މުވައްޒަފަކަށް މި ބަދަލާއެކު 10،500ރ. ލިބޭނެ ކަމަށާއި އަދި ސިވިލް ސާވިސްގެ ޑިރެކްޓަރަކަށް މިހާރު ލިބޭ 16،000ރ. ބަދަލުގައި 23،200ރ. ލިބޭނެ ކަމަށެވެ.