ސިފައިން ވައްދައިގެން ވިޔަސް، ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވުމުން އެ މެންބަރުވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމަށް ދެކޮޅު ހަދާފައެވެެ.

މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާނަންގަވާ އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާފައިއޮތްކަން ފާހަގަކުރައްވާ އާދަމް ޝަރީފު ވިދާޅުވީ މަޖިލީހަށް ސިފައިން ވައްދައިގެން ނަމަވެސް މިކަން ނިންމަންޖެހޭ ކަމަށެވެ.

”މި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާފައި މިގޮތަށް ދާއިރު، އަޅުގަނޑު ގަބޫލުކުރާގޮތުން މި ޤާނޫނުއަސާސީ ބުނާގޮތުން ސިފައިން ވައްދައިގެންވެސް މިކަން ނިންމަންޖެހޭ.“ އާދަމް ޝަރީފް ވިދާޅުވިއެވެ.

އެކަން އެގޮތަށް ނުކުރުމުގެ ނަތީޖާއެއްގެގޮތުން މަޖިލީހަކީ ބަތްކައްކާ ކުޅޭ ތަނަކަށް ހަދާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވެސް ގިނަ ވަގުތުތައް ހޭދަކޮށްފައިވަނީ މަޖިލީހުގެ ނިޒާމް ނެތުމުން ޖަލްސާ ކުރިއަށް ނުގެންދެވިއެވެ.