ޕީޕީއެމް އަކީ ޕީއެންސީ ކަމަށާއި، ޕީއެންސީ އަކީ ޕީޕީއެމް ަކަމަށް ޕީއެންސީގެ ރައީީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަޙީމް މިހެން ވިދާޅުވީ، ސ. މަރަދޫ ޖަގަހަ ހުޅުވުމަށް މެންދުރު ބޭއްވި ޖަލްސާގައެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ތެރޭގައި ފިތުނަ އުފައްދައި، ބައިބައިކޮށްލަން ބަޔަކު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
”ޕީޕީއެމްއަކީ ޕީއެންސީ. ޕީއެންސީއަކީ ޕީޕީއެމް. މި ދެ ޕާޓީއަކީ ރައީސް ޔާމީން. ޕީޕީއެމް އިން ނުކުތަސް، ޕީއެންސީން ނުކުތަސް އެ ނުކުންނަނީ ރައީސް ޔާމީން ނެރުއްވި ކެންޑިޑޭޓް،“ އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވިއިރު، އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އިންތިހާބުގައި ވާދަ ކުރައްވަނީ ކުޑަ ޕާޓީއެއްގެ ފަރާތުން ކަމަށް ވިދާޅުވެ، ވާދަވެރިން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
ޕީއެންސީ އުފެއްދީ 2019 ވަނަ އަހަރު ޕީޕީއެމް އުވިދާނެ ކަމުގެ ބިރަށް އޭގެ ފަރުވާއަށެވެ. ޕީއެންސީއަށް ބަދަލުވީ ޕީޕީއެމްގެ މެމްބަރުންތަކެކެވެ. ދެ ޕާޓީ ދެމެދުގައި އޮތީ އެއް ޕާޓީ އަނެއް ޕާޓީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެކެވެ.
